Islamic Vault
45

Al-Jaathiya

سورة الجاثية

Crouching37 versículos Mequí

Translated by Office of the President of Maldives

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

1

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ حم

ح م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.)

2

تَنْزِيلُ الْكِتَابِ مِنَ اللَّهِ الْعَزِيزِ الْحَكِيمِ

މިއީ عزيز ވަންތަ، حكيم ވަންތަ اللَّه ގެ حضرة ން ބާވައިލެއްވި ފޮތެވެ.

3

إِنَّ فِي السَّمَاوَاتِ وَالْأَرْضِ لَآيَاتٍ لِلْمُؤْمِنِينَ

ހަމަކަށަވަރުން، مؤمن ންނަށް އުޑުތަކާއި، ބިމުގައި (اللَّه ގެ قدرة ތެރިކަމުގެ) ހެކިތަކެއްވާކަން ކަށަވަރެވެ.

4

وَفِي خَلْقِكُمْ وَمَا يَبُثُّ مِنْ دَابَّةٍ آيَاتٌ لِقَوْمٍ يُوقِنُونَ

އަދި ތިޔަބައިމީހުން ހެއްދެވުމުގައްޔާއި، އެކަލާނގެ ފަތުރުއްވާފައިވާ (އެންމެހާ) ދިރޭތަކެތީގައި يقين ކުރާ ބަޔަކަށް ހެކިތަކެއްވެއެވެ.

5

وَاخْتِلَافِ اللَّيْلِ وَالنَّهَارِ وَمَا أَنْزَلَ اللَّهُ مِنَ السَّمَاءِ مِنْ رِزْقٍ فَأَحْيَا بِهِ الْأَرْضَ بَعْدَ مَوْتِهَا وَتَصْرِيفِ الرِّيَاحِ آيَاتٌ لِقَوْمٍ يَعْقِلُونَ

އަދި ރޭދުވާ ތަފާތުވުމުގައްޔާއި، ބިން މަރުވުމަށްފަހު، اللَّه، އުޑުން ވެއްސެވި رزق ން (އެބަހީ: ވާރޭފެނުން) އެ ބިން ދިރުއްވިކަމާއި، ވައިރޯޅި (އެކިފަރާތްފަރާތަށް) ހިންގެވުމުގައި، ވިސްނާބަޔަކަށް ހެކިތަކެއްވެއެވެ.

6

تِلْكَ آيَاتُ اللَّهِ نَتْلُوهَا عَلَيْكَ بِالْحَقِّ ۖ فَبِأَيِّ حَدِيثٍ بَعْدَ اللَّهِ وَآيَاتِهِ يُؤْمِنُونَ

އެއީ اللَّه ގެ آية ތަކެވެ. حق (ތެދު) ގޮތުގައި ކަލޭގެފާނަށް ތިމަންރަސްކަލާނގެ آية ތައް ކިޔައިދެއްވަމެވެ. ފަހެ، اللَّه ގެ ފޮތާއި، އެކަލާނގެ آية ތަކަށްފަހުގައި، އެއުރެން إيمان ވާނީ ކޮންވާހަކަޔަކަށް ހެއްޔެވެ؟

7

وَيْلٌ لِكُلِّ أَفَّاكٍ أَثِيمٍ

ދޮގުހަދާ، ފާފަވެރި ކޮންމެ މީހަކަށް ހަލާކާއި ގެއްލުން ހުށްޓެވެ.

8

يَسْمَعُ آيَاتِ اللَّهِ تُتْلَىٰ عَلَيْهِ ثُمَّ يُصِرُّ مُسْتَكْبِرًا كَأَنْ لَمْ يَسْمَعْهَا ۖ فَبَشِّرْهُ بِعَذَابٍ أَلِيمٍ

اللَّه ގެ آية ތައް އެމީހަކަށް ކިޔައިދެވޭ އަޑުއަހައިމެ، ދެން އޭގެ އަޑު ނާހާފަދައިން ބޮޑާވެގަތުމާއެކު (كافر ކަންމަތީ ދެމިހުރުމަށް) ގަދަހަދާ މީހާޔަށް ވޭންދެނިވި عذاب ހުރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ!

9

وَإِذَا عَلِمَ مِنْ آيَاتِنَا شَيْئًا اتَّخَذَهَا هُزُوًا ۚ أُولَٰئِكَ لَهُمْ عَذَابٌ مُهِينٌ

އަދި ތިމަންރަސްކަލާނގެ آية ތަކުން އެއްޗެއް އޭނާއަށް އެނގިއްޖެނަމަ، އެއެއްޗެއް ފުރައްސާރައަކަށް ހަދައިގެން އުޅެތެވެ. އެއުރެންނަށް އިހާނަތްތެރިކަންދެނިވި عذاب ހުށްޓެވެ.

10

مِنْ وَرَائِهِمْ جَهَنَّمُ ۖ وَلَا يُغْنِي عَنْهُمْ مَا كَسَبُوا شَيْئًا وَلَا مَا اتَّخَذُوا مِنْ دُونِ اللَّهِ أَوْلِيَاءَ ۖ وَلَهُمْ عَذَابٌ عَظِيمٌ

އެއުރެންގެ ފަހަތުގައިވަނީ ނަރަކަޔެވެ. އަދި އެއުރެން ހޯދި އެއްޗަކުން ނުވަތަ اللَّه ފިޔަވައި އެއުރެން އެހީތެރިން ކަމުގައި ހިފިތަކެއްޗަކުން، އެއުރެންނަކަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ.

11

هَٰذَا هُدًى ۖ وَالَّذِينَ كَفَرُوا بِآيَاتِ رَبِّهِمْ لَهُمْ عَذَابٌ مِنْ رِجْزٍ أَلِيمٌ

މިއީ (އެބަހީ: މި قرآن އަކީ) ތެދުމަގެކެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެ آية ތަކަށް كافر ވި މީހުންނަށް ވޭންދެނިވި، އެންމެގަދަ عذاب ން عذاب ހުށްޓެވެ.

12

۞ اللَّهُ الَّذِي سَخَّرَ لَكُمُ الْبَحْرَ لِتَجْرِيَ الْفُلْكُ فِيهِ بِأَمْرِهِ وَلِتَبْتَغُوا مِنْ فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ

اللَّه އީ، ތިޔަބައިމީހުންނަށްޓަކައި ކަނޑު خدمة ތެރިކުރެއްވި ރަސްކަލާނގެއެވެ. (އެއީ) އެކަލާނގެ أمر ފުޅަށް އެތާނގައި އުޅަނދުތައް ދުވުމަށްޓަކައެވެ. އަދި ތިޔަބައިމީހުން އެކަލާނގެ فضل ވަންތަކަމުން އެދިގަތުމަށްޓަކައެވެ. އަދި ތިޔަބައިމީހުން شكر ކުރުމަށްޓަކައެވެ.

13

وَسَخَّرَ لَكُمْ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ جَمِيعًا مِنْهُ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِقَوْمٍ يَتَفَكَّرُونَ

އަދި އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި خدمة ތެރިކޮށްދެއްވިއެވެ. އެހުރިހާ ތަކެއްޗެއްވަނީ، އެކަލާނގެ حضرة ންނެވެ. ހަމަކަށަވަރުން، އެކަމުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.

14

قُلْ لِلَّذِينَ آمَنُوا يَغْفِرُوا لِلَّذِينَ لَا يَرْجُونَ أَيَّامَ اللَّهِ لِيَجْزِيَ قَوْمًا بِمَا كَانُوا يَكْسِبُونَ

إيمان ވި މީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ގެ ދުވަސްތަކަށް (އެބަހީ: އެކަލާނގެ عقوبات އަށް) ބިރުނުގަންނަ މީހުންނަށް މާފު (ކޮށް އެއުރެންގެ އުނދަގޫތަކަށް ކެތް) ކުރާހުށިކަމެވެ! (އެއީ) އެއުރެން ހޯދައިއުޅުނު عمل ތަކުގެ ސަބަބުން އެކަލާނގެ އެއުރެންނަށް ޖަަޒާ ދެއްވުމަށްޓަކައެވެ.

15

مَنْ عَمِلَ صَالِحًا فَلِنَفْسِهِ ۖ وَمَنْ أَسَاءَ فَعَلَيْهَا ۖ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ

صالح عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ދަރުމަހުރީ، އެމީހާގެ އަމިއްލަ نفس އަށެވެ. އަދި ނުބައި عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ހަލާކުހުރީ، ހަމަ އެ نفس ގެ މައްޗަށެވެ. ދެން ތިޔަބައިމީހުން رجوع ކުރައްވާހުށީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށެވެ.

16

وَلَقَدْ آتَيْنَا بَنِي إِسْرَائِيلَ الْكِتَابَ وَالْحُكْمَ وَالنُّبُوَّةَ وَرَزَقْنَاهُمْ مِنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَى الْعَالَمِينَ

ހަމަކަށަވަރުން، إسـرآءيـل ގެދަރިންނަށް ތިމަންރަސްކަލާނގެ ފޮތާއި، حكمة އާއި، ނަބީކަން ދެއްވީމެވެ. އަދި ރަނގަޅު ތަކެތިން އެއުރެންނަށް رزق ދެއްވީމެވެ. އަދި (އެދުވަސްވަރުގެ) عالم ތަކުގެ މައްޗަށް އެއުރެން މާތްކުރެއްވީމެވެ.

17

وَآتَيْنَاهُمْ بَيِّنَاتٍ مِنَ الْأَمْرِ ۖ فَمَا اخْتَلَفُوا إِلَّا مِنْ بَعْدِ مَا جَاءَهُمُ الْعِلْمُ بَغْيًا بَيْنَهُمْ ۚ إِنَّ رَبَّكَ يَقْضِي بَيْنَهُمْ يَوْمَ الْقِيَامَةِ فِيمَا كَانُوا فِيهِ يَخْتَلِفُونَ

އަދި دين ގެ ކަންތަކާމެދުގައި بيان ވެގެންވާ ހެކިތަކެއް ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވީމެވެ. ފަހެ، އެއުރެންނާ ހަމަޔަށް علم އައުމަށްފަހުގައި މެނުވީ، އެއުރެން خلاف އެއް ނުވެތެވެ. (އެއީ) އެއުރެންގެ މެދުގައިވާ ދެކޮޅުވެރިކަމާއި، حسد ވެރިކަމުންނެވެ. ހަމަކަށަވަރުން، އެއުރެން خلاف ވެ އުޅުނު ކަންތަކާމެދު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ قيامة ދުވަހުން އެއުރެންގެ މެދުގައި ނިޔާ ކުރައްވާނެތެވެ.

18

ثُمَّ جَعَلْنَاكَ عَلَىٰ شَرِيعَةٍ مِنَ الْأَمْرِ فَاتَّبِعْهَا وَلَا تَتَّبِعْ أَهْوَاءَ الَّذِينَ لَا يَعْلَمُونَ

ދެން ތިމަންރަސްކަލާނގެ دين ގެ ކަންތަކުގައި (ފާޅުވެގެންވާ) شريعة އެއްގެ މަތީގައި ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު އެޔަށް تبع ވެވަޑައިގަންނަވާށެވެ! އަދި ނުދަންނަ މީހުންގެ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައި ނުގަންނަވާށެވެ!

19

إِنَّهُمْ لَنْ يُغْنُوا عَنْكَ مِنَ اللَّهِ شَيْئًا ۚ وَإِنَّ الظَّالِمِينَ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۖ وَاللَّهُ وَلِيُّ الْمُتَّقِينَ

ހަމަކަށަވަރުން، އެއުރެންނަކަށް اللَّه ގެ حضرة ން ކަލޭގެފާނަކަށް އެއްވެސް ކަމެއް ފުއްދައެއް ނުދެވޭނެތެވެ. އަދި ހަމަކަށަވަރުން، އަނިޔާވެރިންނީ އެއުރެންގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިންނެވެ. އަދި اللَّه އީ، تقوى ވެރިންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ.

20

هَٰذَا بَصَائِرُ لِلنَّاسِ وَهُدًى وَرَحْمَةٌ لِقَوْمٍ يُوقِنُونَ

މި قرآن އަކީ، މީސްތަކުންނަށްވާ އަލިގަދަ دليل ތަކެކެވެ. އަދި يقين ކުރާ ބަޔަކަށްވާ هداية އަކާއި، رحمة އެކެވެ.

21

أَمْ حَسِبَ الَّذِينَ اجْتَرَحُوا السَّيِّئَاتِ أَنْ نَجْعَلَهُمْ كَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَوَاءً مَحْيَاهُمْ وَمَمَاتُهُمْ ۚ سَاءَ مَا يَحْكُمُونَ

ނުބައިކަންތައް ކުރިމީހުން، إيمان ވެ صالح عمل ތައްކުރި މީހުންނާއެއްފަދަ ކަމުގައި ތިމަންރަސްކަލާނގެ ލައްވާނޭކަމަށް (އަދި) އެއުރެންގެ ދިރިތިބުމާއި، މަރުވުން، ހަމަހަމަވެގެންވާކަމަށް އެއުރެން ހީކުރީހެއްޔެވެ؟ އެއުރެން ކުރާ حكم ހާދަހާ ނުބައިވެގެންވެއެވެ!

22

وَخَلَقَ اللَّهُ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ وَلِتُجْزَىٰ كُلُّ نَفْسٍ بِمَا كَسَبَتْ وَهُمْ لَا يُظْلَمُونَ

اللَّه، އުޑުތަކާއި ބިން حق ގޮތުގައި ހެއްދެވިއެވެ. (އެއީ) ކޮންމެ نفس އަކަށްމެ، އެ نفس އެއް ހޯދިކަމެއްގެ ޖަޒާދެއްވުމަށެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ.

23

أَفَرَأَيْتَ مَنِ اتَّخَذَ إِلَٰهَهُ هَوَاهُ وَأَضَلَّهُ اللَّهُ عَلَىٰ عِلْمٍ وَخَتَمَ عَلَىٰ سَمْعِهِ وَقَلْبِهِ وَجَعَلَ عَلَىٰ بَصَرِهِ غِشَاوَةً فَمَنْ يَهْدِيهِ مِنْ بَعْدِ اللَّهِ ۚ أَفَلَا تَذَكَّرُونَ

ފަހެ، އެމީހެއްގެ އެދުންތައް އެއީ، އެމީހަކު އަޅުކަންކުރާ إله އެއްކަމުގައި ހަދައި، އަދި علم ލިބިފައިވުމާއެކުވެސް، اللَّه އެމީހަކު މަގުފުރައްދަވައި، އަދި އޭނާގެ އިވުމާއި، ހިތުގައި ސިއްކަގައްސަވައި، އަދި އޭނާގެ ލޮލުގައި ފަރުދާއެއްލައްވައިފިމީހާ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟ اللَّه މެނުވީ އެމީހަކަށް ތެދުމަގު ދައްކާނީ ފަހެ، ކާކުހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީހެއްޔެވެ؟

24

وَقَالُوا مَا هِيَ إِلَّا حَيَاتُنَا الدُّنْيَا نَمُوتُ وَنَحْيَا وَمَا يُهْلِكُنَا إِلَّا الدَّهْرُ ۚ وَمَا لَهُمْ بِذَٰلِكَ مِنْ عِلْمٍ ۖ إِنْ هُمْ إِلَّا يَظُنُّونَ

އެއުރެން ބުނޫއެވެ. ތިމަންމެންގެ ދުނިޔޭގެ ދިރިއުޅުންމެނުވީ، އެހެން ދިރިއުޅުމެއްނެތެވެ. ތިމަންމެން ދިރިތިބެމުއެވެ. އަދި މަރުވަމުއެވެ. އަދި ޒަމާން މެނުވީ ތިމަންމެން ހަލާކެއް ނުކުރެތެވެ. އެކަމާމެދު އެއުރެންނަކަށް އެއްވެސް علم އެއް ނުވެއެވެ. އެއުރެންނީ ހީކުރާބަޔަކު ކަމުގައިމެނުވީ ނުވެތެވެ.

25

وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ مَا كَانَ حُجَّتَهُمْ إِلَّا أَنْ قَالُوا ائْتُوا بِآبَائِنَا إِنْ كُنْتُمْ صَادِقِينَ

އަދި އެބައިމީހުންނަށް ތިމަންރަސްކަލާނގެ آية ތައް بيان ވެގެންވާގޮތުގައި ކިޔައިދެއްވާހިނދު، ތިޔަބައިމީހުން ތެދުވެރިންކަމުގައިވަނީނަމަ، ތިމަންމެންގެ ކާބަފައިން ތިމަންމެންނަށް ގެނެސްދޭށޭ ބުނުންމެނުވީ އެއުރެން ދައްކާނޭ حجّة އެއް ނުވެތެވެ.

26

قُلِ اللَّهُ يُحْيِيكُمْ ثُمَّ يُمِيتُكُمْ ثُمَّ يَجْمَعُكُمْ إِلَىٰ يَوْمِ الْقِيَامَةِ لَا رَيْبَ فِيهِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ

ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ތިޔަބައިމީހުން ދިރުއްވައެވެ. ދެން އެޔަށްފަހު ތިޔަބައިމީހުން މަރުގަންނަވަތެވެ. ދެން قيامة ދުވަހަށް ތިޔަބައިމީހުން (ދިރުއްވައި) އެއްކުރައްވާނެތެވެ. އެކަމާމެދަކު شك އެއްނެތެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ.

27

وَلِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ وَيَوْمَ تَقُومُ السَّاعَةُ يَوْمَئِذٍ يَخْسَرُ الْمُبْطِلُونَ

އުޑުތަކާއި، ބިމުގެވެރިކަންވަނީ اللَّه އަށެވެ. އަދި قيامة ގެ ވަގުތު އަންނަދުވަހު، އެދުވަހުން باطل ގެ أهل ވެރިން ގެއްލި ހަލާކުވެދާހުށްޓެވެ.

28

وَتَرَىٰ كُلَّ أُمَّةٍ جَاثِيَةً ۚ كُلُّ أُمَّةٍ تُدْعَىٰ إِلَىٰ كِتَابِهَا الْيَوْمَ تُجْزَوْنَ مَا كُنْتُمْ تَعْمَلُونَ

އަދި ކޮންމެ أمّة އެއްމެ ކަކޫޖަހައިގެންތިބޭތީ ތިބާޔަށް ފެންނާނެތެވެ. ކޮންމެ أمة އެންމެ އެ أمّة އެއްގެ (عمل ގެ) ފަތުގެ ކައިރިޔަށް ގޮވައި ގެންނަވާނެތެވެ. (އަދި އެއުރެންނަށް އަންގަވާނެއެވެ.) ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކަށް ތިޔަބައިމީހުންނަށް މިއަދު ޖަޒާ ދެއްވާނެތެވެ.

29

هَٰذَا كِتَابُنَا يَنْطِقُ عَلَيْكُمْ بِالْحَقِّ ۚ إِنَّا كُنَّا نَسْتَنْسِخُ مَا كُنْتُمْ تَعْمَلُونَ

މިއީ ތިމަންރަސްކަލާނގެ ފަތެވެ. އެ ފަތް ތިޔަބައިމީހުންގެ މައްޗަށް حق ގޮތުގައި ހެކިދެއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ކޮށްއުޅުނު عمل ތައް (ملائكة ން މެދުވެރިކުރައްވައި) ލިޔުއްވީމެވެ.

30

فَأَمَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَيُدْخِلُهُمْ رَبُّهُمْ فِي رَحْمَتِهِ ۚ ذَٰلِكَ هُوَ الْفَوْزُ الْمُبِينُ

ފަހެ، إيمان ވެ އަދި صالح عمل ތައްކުޅަމީހުން ދަންނާށެވެ! ފަހެ، އެއުރެންގެ ވެރިރަސްކަލާނގެ އެކަލާނގެ رحمة ގެ ތެރެޔަށް އެއުރެން ވައްދަވާނެތެވެ. ބަޔާންވެގެންވާ نصيب ލިބުމަކީ ހަމައެއީއެވެ.

31

وَأَمَّا الَّذِينَ كَفَرُوا أَفَلَمْ تَكُنْ آيَاتِي تُتْلَىٰ عَلَيْكُمْ فَاسْتَكْبَرْتُمْ وَكُنْتُمْ قَوْمًا مُجْرِمِينَ

އަދި كافر ވި މީހުން ދަންނާށެވެ! (އެއުރެންނަށް އަންގަވާނެތެވެ.) ފަހެ، ތިމަންރަސްކަލާނގެ آية ތައް ތިޔަބައިމީހުންގެ މައްޗަށް ކިޔައިދެއްވާކަމުގައި ނުވޭހެއްޔެވެ؟ ދެން ތިޔަބައިމީހުން كبر ވެރިވެގަތީމުއެވެ. އަދި ކުށްވެރިބަޔަކު ކަމުގައި ތިޔަބައިމީހުން ވީމުއެވެ.

32

وَإِذَا قِيلَ إِنَّ وَعْدَ اللَّهِ حَقٌّ وَالسَّاعَةُ لَا رَيْبَ فِيهَا قُلْتُمْ مَا نَدْرِي مَا السَّاعَةُ إِنْ نَظُنُّ إِلَّا ظَنًّا وَمَا نَحْنُ بِمُسْتَيْقِنِينَ

އަދި ހަމަކަށަވަރުން، اللَّه ގެ وعد ފުޅަކީ حق ތެދޭ، އަދި قيامة އާ ދޭތެރޭގައި شك އެއްނެތޭ ބުނާހިނދު، ތިޔަބައިމީހުން ބުނަމުއެވެ. قيامة އަކީ ކޮންއެއްޗެއްކަން ތިމަންމެން ނުދަންނަމުއެވެ. ތިމަންމެން (އެކަމާމެދު) ހީއެއްނޫނީ ނުކުރަމުއެވެ. އަދި يقين ކުރާބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ.

33

وَبَدَا لَهُمْ سَيِّئَاتُ مَا عَمِلُوا وَحَاقَ بِهِمْ مَا كَانُوا بِهِ يَسْتَهْزِئُونَ

އަދި އެއުރެންކުރި عمل ތަކުގެ ނުބައިކަން އެއުރެންނަށް ފާޅުވިއެވެ. އަދި އެއުރެން ފުރައްސާރަކޮށްއުޅުނު ކަންތައްތައް (އެބަހީ: އެކަމުގެ عذاب) އައިސް، އެއުރެން ވަށައިލިއެވެ.

34

وَقِيلَ الْيَوْمَ نَنْسَاكُمْ كَمَا نَسِيتُمْ لِقَاءَ يَوْمِكُمْ هَٰذَا وَمَأْوَاكُمُ النَّارُ وَمَا لَكُمْ مِنْ نَاصِرِينَ

އަދި އަންގަވާނެތެވެ. ތިޔަބައިމީހުންގެ މިދުވަހާ ބައްދަލުވާނެކަން ތިޔަބައިމީހުން ހަނދާންނައްތައިލި ފަދައިން، މިއަދު ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މަތިން ހަނދުމަނައްތަވާހުށީމެވެ. އަދި ތިޔަބައިމީހުން ތިބެނިވި ތަނަކީ ނަރަކަޔެވެ. އަދި ތިޔަބައިމީހުންނަށް نصر ދޭނޭ އެއްވެސް ބަޔަކު ނުވެތެވެ.

35

ذَٰلِكُمْ بِأَنَّكُمُ اتَّخَذْتُمْ آيَاتِ اللَّهِ هُزُوًا وَغَرَّتْكُمُ الْحَيَاةُ الدُّنْيَا ۚ فَالْيَوْمَ لَا يُخْرَجُونَ مِنْهَا وَلَا هُمْ يُسْتَعْتَبُونَ

އެއީ ތިޔަބައިމީހުން اللَّه ގެ آية ތައް، ފުރައްސާރައެއް ކަމުގައި ހެދިކަމަށްޓަކައެވެ. އަދި ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރި ކަމަށްޓަކައެވެ. ފަހެ، މިއަދު އެއުރެން އެ ނަރަކަޔަކުން ނުނެރުއްވާނެތެވެ. އަދި އެކަލާނގެ ރުއްސަވާ މަގަށް އެނބުރި ދިޔުމަކަށް، އެއުރެންނަކަށް ތަނެއް ނުމެދެއްވާނޭމެއެވެ.

36

فَلِلَّهِ الْحَمْدُ رَبِّ السَّمَاوَاتِ وَرَبِّ الْأَرْضِ رَبِّ الْعَالَمِينَ

ފަހެ، حمد ހުރީ اللَّه އަށެވެ. (އެއީ) އުޑުތަކުގެވެރި، އަދި ބިމުގެވެރި، عالم ތަކުގެ ވެރިރަސްކަލާނގެއެވެ.

37

وَلَهُ الْكِبْرِيَاءُ فِي السَّمَاوَاتِ وَالْأَرْضِ ۖ وَهُوَ الْعَزِيزُ الْحَكِيمُ

އަދި އުޑުތަކާއި، ބިމުގައި عظمة ތެރިކަމާއި، ބާރުވެރިކަންވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ.

Islamic Vault

Quran Explorer

Un recurso en línea completo para leer y estudiar el Sagrado Corán con múltiples traducciones, transliteraciones y recitaciones de audio de recitadores reconocidos.

Este es el Libro en el que no hay duda, una guía para los temerosos de Allah.

Corán 2:2

Características

  • Recitaciones de Audio
  • Múltiples Traducciones
  • Transliteraciones
  • 114 Suras
  • 6.236 Versículos

© 2026 Islamic Vault. Todos los derechos reservados.

Construido con reverencia y cuidado por el Libro de Allah

Desarrollado por Medita Development

Aviso legal: Aunque nos esforzamos por la precisión, por favor verifica la información religiosa importante con eruditos islámicos auténticos y fuentes confiables. Esta plataforma es con fines educativos.